Back

ވިހަވި ހަޔާތް

2021-11-26 . Written by Roohy Mithuru

Featured Image

ވިހަވި ހަޔާތް

ކަރުނައިން ފުރިފައިވާ މޫނަކާއެކު ކޮޓަރީގެ އެނދުގައި އިށީނދެލައިގެން މަދީހު އިނެވެ. އަތުގައި އޮތް ބޭސް ފަތްގަނޑުގައި އިން ހަތަރު ބޭސްގުޅަ ނެގުމަށްފަހު އެއްފަހަރާ އަނގައަށްލައި ދިރުވާލިއެވެ. އެ ބޭހުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެ ރުއިމަށް ލުޔެއް ހޯދުން ހެއްޔެވެ؟ އޭނާ އެހުރީ ހުންއައިސް ހެއްޔެވެ؟ ގައިގެ ތަނެއްގައި ރިއްސަނީ ބާއެވެ؟ އެ ބޭސް އެކެއީ ކޮންމެވެސް ބޭނުމަކުކަން ހަމަޔަގީނެވެ. ކުޑަ ހިނދުކޮޅެއް ފަހުން އެނދުން ތެދުވެގެން ގޮސް, ކޮޓަރީގައި ރީތިވާ ސާމާނު ބަހައްޓާ މޭޒުމަތީގައި, ތައްޓަކަށް އަޅާފައި ހުރި ބުއިމެއް ބޯލިއެެވެ. އެއްފަހަރާއި ހަތަރު ގުޅަ ބޭސް ކާލުމުން އަރުން އެ ގުޅަތަކަށް ދިއުމަށް އުނދަގޫވުމުން ކަމަށް ވެސް ވެދާނެއެވެ. އެނގޭހާވެސް ކަމަކީ އޭނާގެ މޫނުމަތީގައި އެއްވެސް އުޖާލާކަމެއް ނެތްކަމެވެ. 

އެނދުގައި މަދީހު އޮށޯވެގެން އޮންނަތާ ތިންވަރަކަށް ގަޑިއިރު ވަނީއެވެ. އޭނާއަށް އޮތީ ނިދިފައެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ދެލޯ ނެތްތަނަށް އެ ހުޅުވުނީ ކީއްވެބާއެވެ؟ އޭނާ ތެޅެން ފެށިއެވެ. ނޭވާއެއް ނުލެވުނެވެ. މަހެއް ފެންގަނޑުން ނެގީމާ ތެޅޭހެން އޮވެގެން ތެޅެނީއެވެ. އަނގައިން ހުދު ފޮނުތަކެއް ނުކުންނަށް ފެށިއެވެ. ހިނދުކޮޅެއްގެ ތެރޭގައި މި ވަގުތީ އާލަމުން އޭނާ ވަކިވެގެން އެދިޔައީއެވެ. 

ތި ހީކުރެވުނީ ހަމަ ރަނގަޅަށެވެ. މަދީހު އަމިއްލައަށް މަރުވީއެވެ. ތިބާ ހިތައް އަރާފާނެއެވެ. މަދީހުއަށް އަމިއްލައަށް މަރުވުމަކީ ކިހާ ގޯސްކަމެއްކަން ހަމަ އެނގިފައި ނެތީބާއެވެ؟ އޭނާގެ އީމާންތެރިކަން އެހާ ބަލިކަށީ ބާއެވެ؟ ނޫނީ އޭނާއެއީ މޮޔައަކީ ބާއެވެ؟ ސިކުނޑި ހަމަނުޖެހޭ ހާއްސައެހީއަށް ބޭނުންވާ މީހަކީ ބާއެވެ؟ މަސްތުވާތަކެތީގެ އަޅުވެތި މީހެއްބާއެވެ؟ ކިޔާށެވެ. އެއަށްފަހު ގޮތެއް ނިންމާނީ ތިބާ އަމިއްލައަށެވެ. 

މަދީހުގެ ފުރާނަނެތް މަސްގަނޑު ފުރަތަމަ ފެނުނު މީހަކީ އޭނާގެ ލޯބިވާ މަންމައެވެ. ހެނދުނު ޑިއުޓީއަށް ދިއުމަށް ނުހޭލާތީ މަންމަގެ އަތުގައި އޮންނަ ތަޅުދަނޑިން ކޮޓަރީގެ ދޮރު ހުޅުވާލުމުން ހީވީ އެ މަންމަގެ ހިތައް ހަންޖަރެއް ހަރާލި ހެނެވެ. ދުވެފައިގޮސް މަދީހުގެ ގައިގައި ބައްދާލާ ރޮއެގަނެ އޭނާ އަނގައިން ބުނޭތޯ ތަޅުވާލީ ކުޑަނަމަވެސް އުންމީދެއް އޮތްކަމަށް ބަލާފައެވެ. އެކަމުން އެއްވެސް ފައިދާއެއް އަދު ކުރާން ނެތްކަން އެނގުމުން އަޑުން އަޑު ނަގާ ރޮއެގަނެވުނެވެ. އެވަގުތު ގޭގައި ދެންތިބި މީހުންނަށް ކަމެއް ގޯސްވިކަން އެނގި މަދީހު ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. ފުރާނަ އަލުން އެޅުވުމަކީ ޑޮކްޓަރުންނަށް ވެސް ކުރެވޭނެ ކަމަކަށް ނުވުމުން, މަދީހު އޮތީ ގެނައި އިރުވެސް ނިޔާވެފައި ކަމަށް ލިޔެ ރިޕޯޓު ތައްޔާރު ކުރެވުނެވެ. ރިޕޯޓުގައި އޭނާ މަރުވީ ވިހަވެގެން ހިތް ހުއްޓިގެން ކަމުގައި ލިޔެ ތައްގަނޑުޖަހާ ސޮއިކޮށް ނިންމިއެވެ. 

ވިހަވީޔޯލައެވެ! އެހެން ބުނެލަން ހާދަ ފަސޭހައެވެ. އޭނާ ވިހަވާން ދިމާވި ސަބަބަކީ ކޮބައި ހެއްޔެވެ؟ ހިތް ހުއްޓުނީޔޯލައެވެ! ދިރި ހުރިއިރު އޭނާގެ ހިތް ތެޅުނު ބާއެވެ؟ އެއިރު ވެސް އެ މިތުރުގެ ހިތް އޮތީ ހުއްޓިފައި ކަންނޭގެއެވެ. 

މަދީހުގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށް ފަހު, އޭނާ ވެސް ސަންދޯކަކަށްލާ ފަސްގަނޑުގައި ވަޅެއް ކޮނެ އެ ވަޅުލީއެވެ. އެކުވެރިންނާއި އާއިލާގެ މީހުންނަށް ލިބުނު ކުއްލި ޝޮކުގައި އަދިވެސް އެ ތިބީއެވެ. ބައެއް މީހުން ތައުޒިއާ ކިއުމަށް އައިސް ދައްކަނީ މަދީހުގެ ރަނގަޅު ވާހަކައެވެ. ކިޔެވުމަށް އެހާ މޮޅު މީހެކެވެ. ނުލާހިކު ހިތްހެޔޮ މަޑުމައިތިރި މީހެކެވެ. ބަރާބަރަށް ނަމާދުތައް އަދާކުރެއެވެ. ރަށުގެ ތެރެއަށް ގިނަވެގެން މަސްތުވާ އެއްޗެހި ބޭނުމެއް ނުކުރެއެވެ. އުޅުނީ ނުލާހިކު ރަނގަޅު ވަޒީފާއަކުއެވެ. ގިނަ ވަގުތު ހޭދަކުރަނީ ގޭގައެވެ. 

މަޑުމައިތިރިޔޯލައެވެ! އޭނާގެ ބޮލުތެރޭގައި އަރާފައިބަމުންދާ ކަންކަން އެނގެނީ ކާކަށް ބާއެވެ؟ މޮޅު މީހަކޯލައެވެ! ލިބުނު ހުނަރު ބޭނުންކުރަން އޭނާއަށް ނޭނގުނީ ހެއްޔެވެ؟ ވަޒީފާއަކު އުޅުނޯލައެވެ! ލިބޭ މުސާރައިން ދެކޮޅު ނުޖެއްސެނީ ބާއެވެ؟ ބަރާބަރަށް ނަމާދު ކުރެޔޯލައެވެ! އޭނާގެ އީމާންތެރިކަން ބަލިކަށި ވީ ބާއެވެ؟ މަސްތުވާ އެއްޗެހި ބޭނުން ނުކުރާއިރު, އެނާ އަމިއްލައަށް މަރުވާން ދިމާވީ ކީއްވެ ބާއެވެ؟

އެ މިތުރުގެ އެކުވެރިންގެ ގާތުގައި މަދީހު ދަންނަވަރެއް އަހާލީމެވެ. ބުނީ އެނާ އަބަދު ވެސް އެކަހަލަ ހިޔާލު ގެންގުޅޭ ކަމުގައެވެ. އެކަމަކު އެކަން ކުރާނެ ކަމަކަށް އެމީހުން ހިޔެތް ނުކުރެއެވެ. އެމީހުން ހީކުރީ މަދީހު އުޅެނީ އެ މީހުންގެ ”އެޓެންޝަން“ ހޯދުމަށެވެ. އެގޮތުން އެއްފަހަރު އެކަން ކުރުމަށް ވަކި ތާރީހެއް ކަނޑައަޅާފައި އޮތް ވާހަކަ ވެސް ބުނިކަމުގައި ވިއެވެ. އެކަމަކު އެ ތާރިހުގައި އެކަން ނުކުރުމުން އެމީހުން ހީކުރީ އެނާ އެކަން ނުކުރާން ނިންމީކަމަށެވެ. މަދީހު ނަފްސާނީ ޑޮކްޓަރަކަށް ދުވަަހަކު ވެސް ނުދައްކައެވެ. ބޭހެއް ވެސް ބޭނުމެއް ނުކުރެއެވެ. 

އެ މީހުންނަށް ކަމެއް ގޯސްވާން އުޅޭ ކަމުގެ ”ރަތް ސިގުނަލް“ ދިއައީ ލިބެމުންނެވެ. އެކުވެރިންނޯލައެވެ! އެ މީހުންގެ ކުރިމަތީގައި މީހަކު ގެނބެމުން ދިޔައިރު އެހީގެ އަތެއް ދިއްކޮށެއް ނުލެވުނެވެ. އެ މީހުންގެ ”ލައިފް“ މާ ”ބިޒީވީ“ ކަންނޭގެއެވެ. ނޫނީ އެހެން ފައިދާއެއް ލިބޭތީ މަދީހުއާއި އެކުވެރިކަން ބަދަހި ކުރީ ކަންނޭނގެއެވެ. 

ދެން އޮތީ އާއިލާއެވެ. އާއިލާގެ މީހުން ވެސް ބުނަނީ އެނާ އެކަމެއް ކުރަން އުޅޭ ކަމުގެ ވާހަކަ އެއްފަހަރަކު ދެކެވުނު ވާހަކައެވެ. އެކަން ނުކުރުމަށް އާއިލާގެ މީހުން ނަސޭހަތްތެރި ވިއެވެ. އެ ނަސޭހަތް މަދީހު ގަބޫލުކުރިއެވެ. ނަމަވެސް ފަހަކަށް އައިސް ކޮޓަރީގައި މާގިނަ ވަގުތު ހޭދަ ކުރާކަމަށާއި, ޑިއުޓީގައި އުޅެފައި ޑިއުޓީ ފުރިހަމަ ނުކޮށް ގެއަށް އަންނަ ދުވަސްތައް ގިނަވާންފެށި ކަމުގައި ބުންޏެވެ. އެކަމަކު އަލުން އެކަހަލަ ކަމަކާއި ވިސްނަނީ ކަމެއް އެކަކަ ވެސް އެނގިފައި އޮތް ކަމަކަށް ނުވިއެވެ. 

ހޯދި ހޯދުމުން މިއެނގުނީ މަދީހު އަބަދުވެސް އަމިއްލައަށް މަރުވުމުގެ ހިޔާލު ގެންގުޅުނުކަމެވެ. ސުވާލަކީ ކީއްވެ ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟... އީމާންތެރިކަން ބަލިކަށިވީއޭ ކިޔާ އޭނާގެ ވާހަކަ ނިންމާލަން ވީހެއްޔެވެ؟ ތިބާ އެގޮތައް ނިންމިޔަސް އެންމެ ރަނގަޅެވެ. ނަމަވެސް މަދީހުގެ އިހްސާސްތައް ދެނެގަނެވޭތޯ ބަލާލަމާ އުޅެމާހެވެ. 

މަދީހުގެ ކުޑައިރުގެ ހަޔާތެވެ. އެހެން ކުދިންނާ ވަރަށް ތަފާތެވެ. ކަންކަން ހޯދާ ބެލުމަށް ޝައުގުވެރިކަން ހުންނަނީ އިންތިހާއަށެވެ. ކިޔެވުމަށް މޮޅީ ވެސް އެހެން ވީމައެވެ. އެއްޗެއް ހިތު އެޅުވުމަކީ ފެންތައްޓެއް ބޯލުމެކޭ އެއްފަދަ ކަމެކޭ އޭނާ ބުނާކަމުގައި ވިއެވެ. ސިކުނޑީގައި ބައިވަރު ކޮޓަރިތަކެއް ހުންނަކަމުގައި ބުނެ އުޅެއެވެ. ކުލާހުގައި ކޮންމެ ގަޑިއަކު ވެސް އެ މާއްދާއެއްގެ ކޮޓަރި ހުޅުވާލާ އެ ކޮޓަރިއަށް މައުލޫމާތު އަޅަމުން ދާ ކަމުގައި ބުނެއެވެ. ބޭނުން އިރަކު ބޭނުން ކޮޓަރިތަކެއް ހުޅުވާލާ މައުލޫމާތު ތައް ހޯދާލުން އޭނާއަށް ވަރަށް ފަސޭހައެވެ. ނަމަވެސް… ކުލާހުގެ އެހެން ކުދިންނަށް މަދީހު ކަމަކު ނުދިއައެވެ. މާ ކަޅީއެވެ. ކަޅު ހަންޑިއެކެވެ. ނޭފަތް މާ ބޮޑީއެވެ. ތުންފަތް މާ ބޮޑީއެވެ. ދަތް ނޫނގުޅާތީ ވާހަކަ ދައްކާއިރު ކޮބަޑި ޖަހާފައި ހުންނަ ދަތްތަކުން ވަސް ދުވަނީއެވެ. އޭނާގެ ބުރި މާ ބޮޑީއެވެ. އިސް ކޮޅުން އެ އުމުރުގެ ކުދިންނަށް ވުރެ މާ ދިގީއެވެ. ފޮޓޯ ނެގީމާ ހުންނަ ގޮތް މާ ރަނޑީއެވެ. މާ އަވަހަށް މަތިމަސް ފެޅުމުން މަލާމަތް ކުރަން ފެށީއެވެ. މަތިމަހާއި ތުނބުޅި ފާޅު ވުމުން, ޓީޗަރުން ވެސް މަލާމަތް ކުރުމުގެ ގޮތުން މޫސުން ބަލަން އެނގޭނޭ ކިޔަން ފެށީއެވެ. އެ މިތުރުގެ ހަށިގަނޑު ދެކެ ލޯބިވާކަށް އޭނާއަކަށް ނޭނގުނެވެ. ލޯގަނޑުން ސޫރަ ބަލާ ހިތެއް ނުވެއެވެ. ކޮންމެ ގުނަވަނަކުން ވެސް ފެންނަނީ އައިބު ކަމެވެ. 

އަމިއްލަ ނަފްސު ދެކެ ލޯބިވާން ނޭނގުމުން ދެންވާނީ ކިހިނެތް ހެއްޔެވެ؟ ފުރާނަ އަޅުއްވާފައި ހުރީ އެ ހަށިގަނޑުގައެވެ. ކިތަންމެ ވަރަކަށް ދޮންމީހެއްގެ ހަށިގަނޑެއް ދެއްވާތޯ ދުޢާކުރިއެވެ. ރީތި މޫނެއް ދެއްވާތޯ ދުޢާކުރިއެވެ. އެ މަތިމަސް އަނބުރާ އެތެރެއަށް ވަދޭތޯ ދުޢާކުރިއެވެ. ކުރެވުނު ކަމެއް ކޮށްގެން ކޮބަޑި ޖެހި ދަތްތައް ހުދު ކުރެވޭތޯ ބެލިއެވެ. ވީވަރަކުން ފިރެހެން ކުދިން އުޅޭހެން އުޅެވޭތޯ ބެލިއެވެ. ނަމަވެސް ”ޑީ.އެން.އޭ“ ގައި ލިޔެވި ނިމިފައިވާ ގޮތް އެ މިތުރަކަށް ބަދަލެއް ނުކޮށްލެވުނެވެ. ޖެހުނީ އެ ހަށިގަނޑުގައި އަބަދުގެ އަބަދަށް ހައްޔަރުވެފައި ހުންނާށެވެ. މަރު އައިސް ޖެހެންދެނެވެ. އެކަމަކު… އެ މިތުރަށް ކެތްނުވީއެވެ. 

ރޭގަނޑު ނިދެނީ ލޮލުން ކަރުނަ ހުސްވާ ފަހުންނެވެ. ބޮލުތެރޭގައި އެނބުރެނީ އެ ދުވަހަކު މީހުންގެ ދޫތަކުން އަމާޒުވި ބަސްތަކެވެ. ރޮއި ރޮއި މީހާ ވަރުބަލިވެއެވެ. އަތްނަގާ ދުޢާކޮށް ”ސުޕަޕަވާރ“ އެއް ދެއްވާތޯ އެދުނެވެ. ބޮލުގައި ފިރުމާ ހިތްވަރުދިން ކާފަ އަލުން އަނބުރާ ގެނެސްދެއްވުމަށް އެދުނެވެ. ވީ އެއްވެސް ފައިދާއެއް ނެތެވެ. ކޮންމެ އަކަސް އޭނާގެ ބޮލުގެ ތެރޭގައިވި ކޮޓަރިއަކުން ފާޅުވި މަހުލޫގެއްގެ ވާހަކަތައް އަޑު އެހެން ފެށުނެވެ. އެ މިތުރުގެ ބޮލުތެރޭގައި އެ މަހުލޫގުގެ ވަކި ހިތްޕާލާ ވަރުގަދަ ވާން ފެށިއެވެ. 

ސުކޫލު ނިމި ވަޒީފާގެ މާހައުލަށް ނުކުންނަށް ޖެހުނެވެ. އަމިއްލަ ފައި މައްޗަށް ތެދުވާން ޖެހުނެވެ. އެކަމަކު ”ސެލްފް ކޮންފިޑެންސް“ އޭ ކިޔާ އެއްޗެއް އެއްވެސް ވަރަކަށް އޭނާގެ ގަޔަކު ނެތެވެ. ބިރު ގަންނަނީއެވެ. ”ނެގެޓިވް“ ހިޔާލުތައް ބޮލުގައި ވަށާލަނީއެވެ. މީހުން ކިޔާފާނެ އެއްޗަކަށް ޖެހިލުން ވަނީއެވެ. އާގަންނަނީއެވެ. އަމިއްލަ ހިޔާލު ހުށައަޅަން ޖެހިލުން ވަނީއެވެ. އަނބުރާ ލިބޭނެ ބަހުގެ ހަމަލާއަކަށް ޖެހިލުން ވަނީއެވެ. މީހުން އެއްވާ ތަންތަނަށް ދިއުމަށް ވެސް ޖެހިލުންވެއެވެ. ފަހަތުގައި ހުރި މީހާ ކިޔާފާނެ އެއްޗަކުންނެވެ. ހާސްވަނީއެވެ. ދުވެ ގެއަށް އަންނަން ބޭނުން ވަނީއެވެ. ކޮޓަރީގައި އެކަނި އުޅެން ބޭނުން ވަނީއެވެ. އެ މިތުރުގެ އެކުވެރިއަކަށް އެއްކަލަ މަހުލޫގު މިހާރު ވަނީ ވެފައެވެ. 

މީހަކާ ކައިވެނި ކުރާވަރު ވެއްޖެއެވެ. ނުލާހިކު ރަނގަޅު ކުދިންނާއި ރައްޓެހިވިއެވެ. ނަމަވެސް އެ މިތުރު ބުނާ ކަމުގައި ވިއެވެ. ”އަހަރެން މިއީ ތިބާއަށް ޓަކައި އުފެއްދި މީހާއަށް ނުވުން އެކަށީގެންވެއެ. ތިބާއަށް އަހަރެންނަށް ވުރެ މާ ރަނގަޅު ކުއްޖަކު ލިބޭނެ.“ ދިރި އުޅުމެއް ފަށަން އެ މިތުރު ޖެހިލުން ވަނީއެވެ. އެ ހިތްވަރު ނެތީއެވެ. ބިރު ގަންނަނީއެވެ. ދިމާވާ ކުދި ކުދި ކަންކަމާ ސިކުނޑު ސުމަކަށް ދާވަރަށް ވިސްނެނީއެވެ. ބޮލުގައި ގާއިމުކުރި ވަކި ވަކި ކޮޓަރިތައް ބޮޑު އެއް ކޮޓަރިއަކަށްވެ, އެއްކަލަ މަހުލޫގު ގެއެއް ބިނާ ކޮށްފިއެވެ. އެ މިތުރުގެ މައްޗަށް އެ މަހުލޫގު ގަދަވެގެންފިއެވެ. ދުނިޔެ މަތިން ފޫހިވާން ފަށައިފިއެވެ. ކައިވެނިކޮށް ދިރިއުޅުމެއް ފެށުމުގެ ހިޔާލު ވެސް ދޫކޮށްލައިފިއެވެ.

މަދީހުގެ ފަހު ދުވަސް ތަކެވެ. ވަރަށް ގިނައިން އާފަލު ގަންނަ ކަމުގައި ވިއެވެ. އާފަލުގެ އޮށް ނަގައި ދޮވެ ސާފުކޮށް ރައްކާކުރަމުން ގެންދިއައެވެ. މަންމަގެ ގާތުގައި ހުރިހާ ކަމަށް މޮޅު ފަރުވާއެއް ލިބޭ ބުއިމެއް ތައްޔާރުކުރަން އެނގުނު ވާހަކަ ބުންޏެވެ. 

”ވަރަށް ފަރުވާތެރި ކަމާއެކު އާފަލު މަށާނީ. ދެން ކޮންމެ އާފަލަކު ހުންނަ އޮށްތައް ނަގާ ދޮވެ ސާފުކޮށްފައި ޖޫސްޕެޓީ ކޮތަޅަކަށް އަޅާފަ ބަހައްޓަނީ. އާފަލު ގަސް އިންދާށޯ އޭރު ބުނީ. ސަތޭކަ ވަރަކަށް ކޮތަޅުގެ އޮށް އޭނާ އެއްކުރި. އަހަރަމެން އަހާ އުޅެން ތި އޮށްތައް އިންދާނީ ކޮން އިރަކުންހޭ؟ އާފަލު ކާން ލިބޭނީ ކޮންއިރަކުން ހޭ؟ އެންމެ ފަހުން އެއް ރޭ އައިސް ބުނީ, މޮޅު ބުއިމެއް ތައްޔާރު ކުރަން ދަސްވެއްޖޭ. އެ ބުއިމަކީ ހުރިހާ ބަލިތަކަށް ހުރި ޝިފާއެކޭ. އެ ބުއިމުން އަސަރު ކޮށްފިއްޔާ މަންމައަށް ވެސް ކިޔައިދޭނަމޭ ބުނި. ދެން އޭނާ އެއްކުރި ހުރިހާ އާފަލު އޮށްތައް މިކްސަރަށް އަޅައިގެން މުގުރީ. އެއަށް ފަހު އެއިން އެއްތަށި ފުރޭވަރަށް ފެންއަޅާ އެ ހުރިހާ އެއްޗެއް އެ ފެނަށް އެޅީ. އެއީ ރޭގަނޑު ނިދަމުން ބޯންޖެހޭ ބުއިމެކޭ ކިޔާފަ އެ ތަށި ހިފައިގެން ދިއައީ ކޮޓަރިއަށް. އަދި އޭނަގެ ބައްޕަ ގެންގުޅޭ ނިދާ ބޭސް ފަތްގަނޑުން ހަތަރު ބޭސް ގުޅަ ވެސް ގެންދިއަ. އޭރަކު ނޭނގޭ ވިއްޔަ ކިހާވަރެއްގެ ކަމެއް ކުރަން ކަމެއް މިރޭވީކީ.“

އެ މިތުރުގެ އެ ހިތުގައި އަޅަމުން ގެންދިއަ ވޭންތަކަށް ދެވެން އޮތް އެންމެ ރަނގަޅު ފަރުވާއަކީ އެއީ ކަމުގައި ނިންމީއެވެ. ”ޑިޕުރެޝަން“ އޭ ކިޔާ އެ މަހުލޫގު އޭނާގެ ބޮލަށް ސަވާރުވެ, އެ މިތުރުގެ ސިކުނޑި ފަތަހަ ކޮށްލީއެވެ. ވަކި ކޮޓަރިތަކަކުން ތަރުތީބު ކުރެވުނު އެ ސިކުޑި ބޮއްސުންލައިގެން ގޮސް ކޮޓަރިތައް ބިމާހަމަވެ, ކިޔެވި ކިޔެވުންތައް މަސްހުނިވެ, އޮޅުން ބޮޅުން އަރާ, ވާނުވާގެ ތެރެއަށް އެ މިތުރު ގެއްލި ފަނާ ވީއެވެ. 

މަދީހުގެ ”ވިހަވި ހަޔާތް“ މި ހިއްސާކޮށްލީ, ”ޑިޕުރެޝަން“ އަކީ ކޮންމެ މީހަކަށް ވެސް ޖެހިދާނެ ކަމެއް ކަމުގައި ބުނެލަ ދިނުމަށެވެ. މިކަމުގައި އުޅޭ މީހުންނަށް ވެސް ބައެއްފަހަރު އެކަން އެމީހަކުގެ ގައިގައި ހުރި ކަންވެސް ރޭކާނުލާ ހުރެދާނެއެވެ. ތިބާއާާއި ވަރަށް ގާތް އެކުވެރިއެއް ނޫނީ އާއިލާ މީހަކު ވެސް މިކަން ތަހައްމަލު ކުރަމުން ގެންގޮސް ދާނެއެވެ. ވީ އިރު ތިބާގެ ދުލުން ނުކުންނަ ކޮންމެ ބަހަކީ, ވިސްނާފައި, އެހެން މީހުންގެ އިހުސާސު ތަކާއި ކުޅެލަފާނެ ބަހަކަށް ނުހަދަމާ ހިނގާށެވެ. އަނެކާގެ ހިތުގައި އަޅާ ވޭން ތިބާއަށް ނޭގުން އެކަށީގެންވެއެވެ. ތިބާ ބޮޑުވެގެން އައީ އެކި އެކި ތަޖުރިބާތަކާއި އެކު އެވެ. އަނެކާ ވެސް ހަމަ އެތަޖުރިބާތައް ނުކޮށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ބުނެއެވެ. ދެވަނަ ތިބާއެއް އުފައްދާ އެ މީހާ ބޮޑުވެގެން އަންނައިރު ތިބާ އަށް ދިމާވި ހުރިހާ ކަންކަމާއި ތަޖުރިބާތައް ނަކަލު ކުރުމަކީ ވާނެ ކަމެއް ނޫނެވެ. ވީއިރު އެ ދެވަނަ ތިބާ ދުނިޔެއާއި މެދު ދެކޭ ގޮތް ތިބާ ދެކޭ ގޮތާއި ވަރަށް ހިލާފު ވާނެއެވެ. ކޮންމެ އިންސާނަކީ ވެސް ތަފާތު މީހެކެވެ. އެ މީހަކު ބަލިކަށި ވުމާއި ވަރުގަދަ ވުން ބިނާވަނީ އެ މީހަކަށް ދުނިޔޭގައި ލިބޭ ތަޖުރިބާތަކަކުންނެވެ. އެންމެންނަކީ ނަފްސާނީ ގޮތުން އެންމެ ވަރުގަދަ މީހާއަށް ނުވެދާނެއެވެ. ”ޑިޕުރެޝަން“ އަކީ ވާ އެއްޗެކެވެ. އެއީ މީހާގެ އީމާންތެރިކަން ވަރު ދެރަވުމުން ދިމާވާ ކަމެއް ނޫނެވެ. 

-ނިމުނީ-